އަންނިއަކީހަމަ ހަގީގަތުގައިވެސް ސިޔާސީ މީހެކެވެ.

އަންނި- އިއްތިހާދަށް ވަރަށް ތާއީދުކުރައްވާ (ފޮޓޯ - )
މިއަހަރު ބޭއްވޭ ރިޔާސީ ރޭހުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ނެރޭ ކެންޑިޑޭޓަކީ އަންނި ކަމުގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވަނީ ނިންމާފައެވެ. އަންނިގެ ދުރުވިސްނޭ ސިޔާސަތަށް ހަމަ ތައުރީފު ހައްގެވެ. ފުރަތަމަ ކަމަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި އޭނާ ބޭނުންކުރި ވަރުގަދަ ހަތިޔާރެވެ. އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންނަމަ ވޯޓުލާންތިބި މީހުންގެ ސަޕޯޓު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެންމެން ވެސް އެކަން ގަބޫލު ކުރާނެއެވެ. ސުވާލަކީ ވޯޓުލާމީހުންގެ ހިތްތައް ފަތަހަ ކުރާނެ ގޮތެކެވެ. އިއްތިހާދުގެ ފަރާތުން އަތޮޅުތަކަށް ކުރި ދަތުރުގައި ރައްޔިތުންގެ ވިސްނުން ހުރި ގޮތް އަންނި ވަނީ ދެނެގަނެފައެވެ.
އަންނި އަބަދުވެސް ބުނަމުން ދިޔަޔީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި މިވެނިކަމެއްވާނީ މިހެންނެވެ. މިހިޔާލަކީ ރައްޔިތުންނަށް ބަލައިގަންނަން ވަރަށް ފަސޭހަވެގެންދިޔަ ވާހަކައެކެވެ. އޭގެ ހެއްކަކީ އަންނި ހޯދި ބޮޑުކާމިޔާބީއެވެ.
ދިވެހިންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ވެރިކަމާގެން ތެޅިފޮޅި ގަތުމަށްވުރެ އެކުވެރިކަމަށް ތަރުހީބުދޭ ބަޔެކެވެ. އަންނި އަބަދުވެސް ބުނަމުން ދިޔައީ މިއީ ވެރިކަމުގެ ދަހިވެތިކަމުގައި ދުއްވައިގަންނަންވީ ވަގުތު ނޫންކަމުގައެވެ. ގަބޫލުކުރަންވީ ހަޤީޤަތަކީ މައުމޫނާ ވާދަކުރުމަކީ އުނދަގޫ ކަމަކަށްވާނެކަމެވެ. ސަބަބުތައް ބައިވަރެވެ. މައުމޫނަކީ ގާނޫނަކަށް ގަވާޢިދަކަށް ނުވަތަ އެންމެ ކުޑަމިނުން ތިމާ އަމިއްލަ ދުލުން ބުނާ ބަހަކަށްވެސް ހުރުމަތް ތެރިކޮށް ހިތާމީހެއްނޫނެވެ. ޑރ.ޙަސަން ވިދާޅުވި ފަދައިން ހުދުމުހްތާރު ވެރިކަމެއް ނިމޭއިރު ހަތަރެސްފައިން ގޯސްހަދާނެއެވެ. އަދި ބައިތުލްމާލުގެ ތަޅުފިޔަވާ އެހެން އެއްޗެއް ނުލިބޭނެކަމީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެކެވެ.
މައުމޫނުފަދަ ހުދު މުހްތާރު ވެރިންގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެންމެން އެއްބައިވެ އަމިއްލަ އެދުންތައް ފަހަތައް ޖައްސާލާ އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމުވަނީ މިފަދަ ދަނޑިވަޅުތަކުގައެވެ. އަންނިއަށް އެމްޑީޕީގެ ޕްރައިމަރީގައި ލިބުނު ބޮޑު ކާމިޔާބާއެކުވެސް އޭނާ ގަސްދުކުރީ ވެރިކަމާގެން ދުއްވައިނުގަނެ އިއްތިހާދަށް ފުރުޞަތު ދޭށެވެ. ނަމަވެސް އައިޑީޕީގެ ރައީސް އުމަރު ނަސީރާއި ރަޖިސްޓްރީނުވި ލިބަރަލް ޕާޓީގެ ރައީސް އިބްރާއަށް އިއްތިހާދުގެ އުސޫލުތައް ހަޖަމް ކުރަން ދަތިވެފައިވާތަން އެބަ ފެނެއެވެ. އެދެމީހުން ދައްކާ ވާހަކަ ދިމައެއްވެސް ނުވެއެވެ. ފުރަތަމަ އެމީހުން ބުނަމުން ދިޔައީ ވީހާވެސް ގިނަ ކެންޑިޑޭޓުން ނެރުމަށެވެ. އެގޮތަށް ވިސްނުން ހުރިނަމަ އެއްބައިވަންތަކަމަށް ފުރުސަތެއް ދެވޭނެތޯ ސުވާލު އުފެދެއެވެ.
އުމަރުނަސީރު ކުއްލިއަކަށް އޭނާގެ ވިޔަފާރީގެ ބައިވެރިޔާ އަދި ޑީއާރުޕީގެ ނާއިބް ޒައީމު ގާސިމްގެ ނަން އިއްތިހާދުގެ މޭޒަށް ވައްޓާލުމީ އަނެއްކާ ވަރަށް ބޮޑު ސުވާލުއުފެދުނު ކަމެކެވެ. ތެދުތެދަށް ބުނާނަމަ އިބްރާއާއި އުމަރު ނަސީރު ބޭނުންވަނީ ކޮންމެ ގޮތަކުންވެސް ރައީސްކަމަށް ނުކުތުމަށެވެ. މައުމޫނާއި ކުރިމަތިލާއިރު އެއްބައިވުމުގެ މުހިންމުކަން އެބޭފުޅުންނަށް ނުވިސްނެނީ ވެރިކަމުގެ ދަހިވެތިކަމުންބާވައެވެ. ގާސިމް ޑީއާރުޕީގެ ނާއިބުރައީސްކަމަށް ހުއްޓާ އަދި މައުމޫނުގެ ކެބިނެޓުގައި ހުއްޓާ މައުމޫނާ ވާދަކުރުމަށް އިއްތިހާދުގެ މޭޒަށް ގާސިމުގެ ނަން އުމަރުވައްޓާލުމުން އުމަރަކީ ސިޔާސީގޮތުން ކިހާވަރަކަށް ތަސައްރަފް ފުދޭ މީހެއްތޯ މީ ސުވާލު އުފެދޭކަމެކެވެ.
ހަގީގަތުގައި ސިޔާސީ ޕާޓީތަކުން ކުރިމަގަށް ވިސްނާނަމަ މިވަގުތު ވެރިކަމާގެން ދުއްވައިނުގަނެ ރައްޔިތުންގެ ޙައްޤުގައި މައުމޫނުގެ ވެރިކަން ނިމުކަމަށް ގެނައުމަށް މަސައްކަތް ކުރުން މާ މުހިންމު ކަމުގައި އަޅުގަނޑުދެކެމެވެ. އަނެއްކޮޅުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ކާމިޔާބުހޯދުމަށް މަސައްކަތްކުރުން ދުރުވިސްނޭ ސިޔާސީ ޕާޓީތަކަށް މާމުންމުވާނެއެވެ. އަންނި އެ މަސައްކަތް ކުރަނީ އެމްޑީޕީ އެމަގުން ކުރިއަށް ގެންދިއުމަށެވެ.
އިބްރާއާއި ޢުމަރު ނަސީރު އެދައްކަނީ ހަމަ އެމީހުންގެ އަމިއްލަ ވާހަކަބާވައެވެ. މިވެސް ސުވާލެކެވެ. މިދަނޑިވަޅުގައި އައްތިހާދު ރޫޅާލުމަށް އެދޭ ބަޔަކުވެސްތިބޭނެއެވެ. އެމީހުން އެކަމަށްޓަކައި ޖާނާމާލުން ހޭދަކުރާނެއެވެ. އިއްތިހާދުގެ ޔުނީފޯމުގައި އިއްތިހާދުވާން ބޭނުންނުވާ، މައުމޫނުގެ އެޖެންޓުންތަކެއް ތިބުމީވެސް ހަމަ ވެދާނެކަމެވެ. މިފަދަ ކަންކަމާ ވިސްނަން ޖެހޭނީ ރައްޔިތުންނެވެ.
ރައްޔިތުންގެ ކުރިމައްޗަށް ގޮސްގެން ޕްރައިމަރީތައް ބާއްވާ ހަދަން ސިޔާސީގޮތުން ވަރުގަދަ ބަޔަކު ތިބި ނަމަ އަޅުގަނޑީވެސް ތާއީދު ކުރީމުހެވެ. ނަމަވެސް މިދަނޑިވަޅުގައި އެންމެ މުހިންމީ ޑރ.ޙަސަން ސަޢީދު ފަދަ އިސްލާޙަށްޓަކައި ގުރްބާންވާ މީހެއްގެ ފަހަތަށް އެންމެ އެކުވެރިކަމާއެކު ޖެހިލާ ސާބިތުކަމާއެކު މައުމޫނުގެ ވަކިތަކުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމެވެ. އެހެންނޫނީ އިތުރު ފަސްއަހަރު އަނެއްކާވެސް މަޑުކުރަން ޖެހޭނެއެވެ. އޭރުން ސީނިއަރ މިނިސްޓަރުކަން ދިނުމާއި އެހެންވެސް ގިނަ ކަންކަން ރައްޔިތުންގެ އިހްސާސްތަކާ ދެކޮޅަށް ކުރުމުން ހިތްހަމަނުޖެހި ތިބުންނޫން ގޮތެއްނޯންނާނެއެވެ. މިފުރުސަތު ދޫކޮށް ނުލަމާތޯއެވެ.

