އެންމެފަހުން، އެންމެބޮޑު ޚިޔާނާތުގެ ކުށްވެސް ކުރެއްވީއެވެ.

މައުމޫން- ގާނޫނު އަސާސީ އުވާލުމުގެ ބޮޑުވެގެންވާ ހިޔާނާތް ކުރައްވަނީ (ފޮޓޯ - )
ނޯޓް: މިލިއުމަކީ "ވައިކަރަދޫ ލައިވް" ވެބްސައިޓުން ނަގާފައިވާ ލިއުމެކެވެ. މިލިއުން ޝާޢިއުކުރެވިފައިއެވަނީ އެޑިޓޯރިއަލް އިސްލާޙް ތަކާއެކުގައެވެ.
އަބުއިކަންބޮޑު މީސްގިނަ ރީތި ދަރުބާރެކެވެ. ޚަބަރުފަތުރާ ވަސީލަތްތަކުގެ އަމާޒުހުރީ އެދިމާއަކަށް ހުއްޓިފައެވެ. ކަންފަތްތަކާއި ލޯތައްވަނީ އެދިމާއަށް ސީދާކުރެވިފައެވެ. ނަމަވެސް މިވާން އުޅޭގޮތަކާމެދު ވިސްނީ ކާކުތޯއެވެ. ތައްޔާރުވަމުން މިދަނީ ކޮންކަމެއް ކުރަންތޯ ބަލާ ސުވާލުކުރީ ކާކުތޯއެވެ. މީލާދީ ސަނަތުން 2007 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 7 ވަނަ ދުވަސް ވެގެން ދިޔައީ ދިވެހި ތާރީޚުގެ ތެރެއަށް ފޭދިގެން ދިޔަ ކަޅުދުވަހަކަށެވެ. އެއީ ދިވެހި ރައްޔިތު، އެންމެން ގެ ލޯތަކުގެ ކުރިމަތީގައި ބޮޑުވެގެންވާ ޖަރީމާއެއް ހިންގި ދުވަހެކެވެ. އަގު ބޮޑު ކޯޓެއް ތުރުކުރައްވައިގެން އިންނަވާ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އުވާލުމުގެ "ބޮޑުވެގެންވާ ކުށް" ރައީސް މައުމޫނު ކުރެއްވި ދުވަހެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 12 ވަނަ މާއްދާގެ (1)ގައި ބަޔާންކޮށްފައިވަނީ: " ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބިރުދައްކައިގެން، ނުވަތަ ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނު އަސާސީ އުވާލައިފި މީހާއާއި، އުވާލުމަށް މަސައްކަތް ކޮށްފި މީހާއާއި، މިއިންކަމެއް ރާވައިފިމީހާ، އެންމެ ބޮޑު ޚިޔާނާތުގެ ކުށުން ކުށްވެރިވާނެއެވެ."
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި މިވާހަކަ މިހާސާފުކޮށް ބަޔާންކޮށްފައި އޮއްވާމެ ލަދެއް ބިރެއްނެތި، ބޮޑުވެގެން ވާ ދަރުބާރެއްގައި މިކަން އެހެންއެކުރީ ކީއްވެގެންބާވައެވެ؟ އެއީ، އެންމެބޮޑު ޚިޔާނާތުގެ ކުށަށް ދޭނެ އަދަބެއް ނެތުންކަމަށްވެސް ވެދާނެއެވެ. އެހެނީ ގާނޫނު އަސާސީގައި ނުވަތަ އެއްވެސް ޤާނޫނެއްގައި މިކުށުގެ އަދަބު ބަޔާންވެގެނެއްނުވެއެވެ.
ނަމަވެސް މިކަމަކީ ސީރިއަސްކޮށް ވިސްނަންޖެހޭ މައްސަލައެކެވެ. މިއީ، ދިވެހިރާއްޖޭގެ ގާނޫނީ ހަޔާތަށް ކުރި ވަރަށްބޮޑު ފުރައްސާރައެކެވެ. ޤާނޫނު އަސާސީއަކީ އެއްވެސް އެއްޗެއް ނޫންކަމަށް ހާމަވެގެން ދިޔަ ކަމެއްމެއެވެ. އެހެންކަމުން، މިއީ އެހާ ފަސޭހައިން ދޫކޮށްލެވިގެންވާނެ މައްސަލައެއްނޫނެވެ. މިކަން މިނިވަން މުސްތަޤިއްލު "ބަޔަކު" ސްޕްރީމް ކޯޓުފަދަ ތަނަކުން ބަލާ މިކަންކުރި މީހުންނަށް ޙައްޤު އަދަބު ދިނުމަކީ ޤާނޫނަށް ނަޞްރު ދިނުމެވެ. ލިޔެފައިވާ ޤާނޫނުތަކަށް ބާރުދިނުމެވެ. މިއަށްފަހު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަނބުރާ އޭގެ އަސްލު މަހައްލަށް ގެނެސްދިނުމަކީ ޤާނޫނަށް ލޯބިކުރާ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.
މިހިންގި ބޮޑުޖަރީމާއިން، އަޅުގަނޑަށް ވިސްނެނީ ގިނަބަޔަކު ރީތިހެދުންތަކާއި، ކޯޓުތައްލައި ޓައީއަޅައިގެން ނިކުމެ، އެންމެނަށް އެނގޭނެހެން ފާޅުގައި ކިތަންމެ ބޮޑު ކުށެއްކުރިއަސް އެކަންކުށަކަށް ނުވާނެކަމަށެވެ. މިއީ، އަޅުގަނޑުމެންގެ ތެރެއަށް މިދާކަށްދުވަހު ތަޢާރަފްވި ތިޔަރީއެއްކަމަށްވާ "ޝަހާދަތް ކިޔަމުން، ޒިނޭކުރިއަސް، ޝަހާދަތްކިޔަމުން ވައްކަން ކުރިއަސް ސުވަރުގެދާނެ" ތިޔަރީއާ ފާޑަކަށް ގުޅުމެއްވެސް ހުރިކަމެކެވެ. އެހެނީ ޤައުމީސަލާމް ކިޔަމުން، ހަތްބަޑިން ސަލާމަތްކަން އަރުވަމުން، މީސްގިނަ ދަރުބާރެއްގައި ފާޅުކަން ބޮޑުގޮތަކަށް ކުށެއް ކުރިއަސް ކުށަކަށް ނުވާނެއެވެ. މިއީ، ބުއްދި ލުހިފައިވާ މަޖުނޫނަކަށް މެނުވީ ޤަބޫލު ކުރެވޭނެ ތިއަރީއެއް ކަމަކަށް ނުފެނެއެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (2) ގައި އޮންނަނީ: " މިމާއްދާގެ (1) ގައި ބުނެފައިވާފަދަ ކަމެއްގައި ބައިވެރިވެއްޖެ މީހާއާއި، އެހީވެދީފި މީހާއާއި، އެއީންކަމެއް އެނގިހުރެ ނާންގާހުރި މީހާވެސް، އެންމެބޮޑު ޚިޔާނާތުގެ ކުށުން ކުށްވެރިވާނެއެވެ." އަންގަންވާ ފަރާތެއް ގާނޫނަކު ބަޔާން ކޮށްފައެއްނެތެވެ.
މިމާއްދާއިން ސަލާމަތްވާނެ ހަމަ އެކަކުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުންނާނެ ހެނެއް ހިއެއްނުވެއެވެ. އިސްލާޙްތަކުގެ ތެރޭގައި ޤާނޫނު އަސާސީ އުވާލާވާހަކަ އޮތްކަން ނޭނގި އޮތުމާއި އަންގަންވީ ކޮންފަރާތަކަށްކަން ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ދެންތިބީން ސަލާމަތްވެ ބޯދަމައިގަތަސް ރައީސުލް ޖުމްހޫރިއްޔާއާއި، ޚާއްޞަ މަޖިލީހުގެ މެމްބަރުންނަކަށް މިކުށުން ރެކިގަނެވޭނެ ގޮތެއް އޮތްކަމަކަށް ނުފެނެއެވެ. ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާޙްތައް ދިއްކޮށްލުމާއެކު އެހިނދުން އެހިނދަށް ތަޞްދީޤު ކުރީއެއް ނޫނެވެ. މައްސޫލިއްޔަތުގެ ބޮޑުކަމުންނޭ ވިދާޅުވެ މިއިސްލާޙްތައް ދިރާސާކުރައްވާ މުތާލިއާ ކުރެއްވުމަށް މަހަކަށްވުރެ ގިނަ ދުވަސް ހޭދަ ކުރެއްވިއެވެ. މީގެ މާނައަކީ މިއިސްލާޙްތައް މުތާލިއާކޮށް ރަނގަޅަށް ދިރާސާކުރިއިރު ކޮންމެވެސް އެއް މަރުހަލާއެއްގައި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އުވާލުމާ ބެހޭ މާއްދާ" ( އަލަށް އިސްލާޙް ކުރި ޤާނޫނު އަސާސީގެ 293ވަނަ މާއްދާގެ "ށ") ރައީސް މައުމޫނަށް ވެސް ފެނިވަޑައިގެންފައި އޮންނާނެއެވެ.
ހަމަ މިގޮތުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ރައީސުލް ޖުމްހޫރިއްޔާ މި "ދަންތުރައިގައި" ޖައްސަން މަސައްކަތްކުރީ ޚާއްޞަމަޖިލީހުގެ މެމްބަރުންނާއި ރައީސް މައުމޫނުގެ ވަޒީރުންނެވެ. ހާއްޞަގޮތެއްގައި ބަންޑާރަނާއިބު އާޒިމާގެ ގާބިލުކަން މިކަމުންވެސް ވަރަށް ރަނގަޅަށް ދޭހަކޮށްދެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އުވާލުމަށް މަސައްކަތްކުރުމުގެ ކުށުގައި، ޤާނޫނު އަސާސީގެ 12 (1) ގެ ދަށުން އެންމެބޮޑު ޚިޔާނާތުގެ ކުށުން ރައީސުލް ޖުމްހޫރިއްޔާ ކުށްވެރިވާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އަދި ރައްޔިތުންގެ ޚާއްސަމަޖިލީހުގެ މެމްބަރުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އުވާލުމަށް އެހީވެދިނުމުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 12ވަނަ މާއްދާގެ (2) ގެ ދަށުން އެންމެބޮޑު ޚިޔާނާތުން ކުށްވެރި ވާނެ ކަމީވެސް ސާފުކޮށް އެނގެން އޮތްކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ގެނެވިފައިވާ އިސްލާޙްތައް ތަޞްދީޤު ކުރެއްވި އިރު، އެއިސްލާޙްތަކުގެ ތެރޭގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އުވާލާ ވާހަކަ ބަޔާންކޮށްފައިވާ މާއްދާއަށް ފުންކޮށް ވިސްނާވަޑައިނުގަތް ކަމީ އެމަނިކުފާނު އެޅުއްވި "ޅަ" އެއްޗެކެވެ. ފަހަރެއްގައި ވެރިކަމުގެ ދަހިވެތިކަން އޮތްލެއް ބޮޑުކަމުން ގަސްދުގައި މިކަން ހަނދާން ނައްތާލީކަމަށްވެސް ވެދާނެއެވެ. ހުދު ރައީސް މައުމޫނަށްވެސް ވިސްނި ވަޑައިގަންނަވާނެ ފަދައިން، ޤާނޫނު އަސާސީ އުވާލުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހެއް ނުއުފެއްދޭނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް އުފެއްދެވީވެސް އެމަޤްޞަދަކު ނޫނެވެ. ހަމައެކަނި ޤާނޫނު އަސާސީ އިސްލާޙް ކުރާށެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 101ވަނަ މާއްދާގައި އޮންނަނީ، " މިޤާނޫނު އަސާސީ ގެ މާއްދާއަކަށް ނުވަތަ ބަޔަކަށް އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނެވޭނީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުންގެ އަޣްލަބިއްޔަތު ލިބޭ ވޯޓަކުން ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ ތަޞްދީޤުކުރާ ޤާނޫނަކުންނެވެ." މިމާއްދާއިން އެނގެނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި އުނިއިތުރު ގެނެވިދާނެކަމެވެ. ނަމަވެސް އެއީ ހަމައެކަނި މިޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި އުނިއިތުރު ގެނެވިދާނެ ކަމެވެ. ނަމަވެސް އެއީ މިޤާނޫނު އަސާސީގެ މާއްދާއަކަށް ނުވަތަ ބަޔަކަށެވެ. މުޅި ޤާނޫނު އަސާސީ އުނިކޮށްލާ އުވާލެވޭނެ ވާހަކައެއް ނެތެވެ.
ކަން މިހެން އޮތްއިރު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އުވާލާވާހަކަ ބަޔާންކޮށް ޤާނޫނެއް ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވިއަސް، އެފަދަ ޤާނޫނެއް ތަޞްދީޤުކުރުމުގެ ބާރަކީ ރައީސުލް ޖުމްހޫރިއްޔާއަށް އޮތް ބާރެއްނޫންކަން އަދި އެމަނިކުފާނަށް ކުރެވޭނެ ކަމެއްނޫންކަން އެމަނިކުފާނުގެ ހަނދުމަ ފުޅުން އެއްފަރާތް ވެގެން ނުވާނެއެވެ. މިކަން ހަނދުމަ ނެތިކޮށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އުވާލުމުގެ ދަރުބާރަށް އެމަނިކުފާނު ވަޑައިގެންނެވީ، ނުވަތަ އެދަރުބާރަށް ވަޑައިގަތުމަށް ރައީސް މައުމޫނު ދަތުރު ފެއްޓެވީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 43ވަނަ މާއްދާއާ ދެކޮޅަށެވެ. އެހެނީ އެމާއްދާގައިވަނީ، "ރައީސުލް ޖުމްހޫރިއްޔާއަށް ވެރިކަމުގެ ބާރު ލިބިގެންވަނީ، ޝަރީޢަތާ، ޤާނޫނު އަސާސީގައި ކަނޑައެޅިގެންވާ ދާއިރާގެ ތެރޭގައެވެ. ފަހެ، ޝަރީޢަތާއި ޤާނޫނު އަސާސީއާ ޚިލާފުގޮތަކަށް އެއްވެސް ކަމެއް ނުހިންގޭނެއެވެ."
ޤާނޫނު އަސާސީގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އުވާލުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ދީފައެއްނެތެވެ. އެހެންކަމުން އެމަނިކުފާނުގެ މި ޢަމަލަކީ ޤާނޫނު އަސާސީގެ ދާއިރާއިން ބޭރުވެފައިވާ އަދި ޤާނޫނު އަސާސީއާ ޚިލާފަށް ކުރެއްވި ޢަމަލެކެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 103ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުން ގެ ޙާއްޞަ މަޖިލިހަށް ދީފައިވާ އިމްތިޔާޒުގެ ވާހަކައެވެ. މިމާއްދާ ފުރަތަމަވެސް ފަށާފައިވަނީ: " މި ޤާނޫނު އަސާސީއާ ޚިލާފު ނުވާ ގޮތުގެ މަތިން" މިހެންނެވެ. މިގޮތުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމާ ކަމެއްގެ ޞައްޙަކަމާމެދު، އެއްވެސް ފަނޑިޔާރު ގެއަކުން، ނުވަތަ ޤާނޫނީ ބާރު ލިބިފައިވާ އެހެން ފަރާތަކުން ވިޔަސް ސުވާލެއް ނުކުރެވޭނެއެވެ. މީގެ މާނައަކީ މި ޤާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ނިންމާ ނިންމުންތަކާމެދު ސުވާލު ކުރެވޭނެއެވެ. ޝަރީޢަތްވެސް ކުރެވޭނެއެވެ. އެކަން ކުރި ބަޔަކު އެކަމުގެ ޒިންމާވެސް އުފުލަން ޖެހޭނެއެވެ. މިގޮތުން މިޤާނޫނު އަސާސީ ބޭނުންގޮތަކަށް އިސްލާޙް ކުރެވިދާނެއެވެ. ނަމަވެސް އެއީ މިޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށެވެ. އެގޮތަކީ ޤާނޫނު އަސާސީއުވާލުން ފިޔަވައި ކޮންމެ އިސްލާހެކެވެ.
ނަމަވެސް ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ޤާނޫނު އަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އުވާލުމަށް ވަނީ ނިންމާފައެވެ. އެހެނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އުވާލެވޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އަދި އުވާލެވޭނެ ގޮތެއްވެސް ބަޔާން ކޮށްފައެއް ނުވެއެވެ. މިއީ ހަމައެއްގޮތަކަށްވެސް އެއްވެސް މީހަކަށްވެސް ނުކުރެވޭނެ ކަމެކެވެ. އެހެންކަމުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އުވާލުމަށް އިސްލާޙް ކުރި ޤާނޫނު އަސާސީގައި މާއްދާއެއް ހިމަނާ އެގޮތުގެމަތިން 1998ވަނަ އަހަރުން ފެށިގެން ޢަމަލު ކުރަމުން އައި ޤާނޫނު އަސާސީ އުވާލުމަށް ރައްޔިތުންގެ ޚާއްސަމަޖިލީހުން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއްނެތް ބާޠިލުނިންމުމެކެވެ. ޤާނޫނުއަސާސީ ގެ 148ވަނަ މާއްދާގެ (1)ގައި ބަޔާންކޮށްފައިވަނީ: "ޤާނޫނު ހަދާ އެއްވެސް މަޖިލީހަކުން ނުވަތަ ޤާނޫނީ ބާރަކުން ވިޔަސް، މިޤާނޫނު އަސާސީއާ، ނުވަތަ މިޤާނޫނު އަސާސީގައި ބަޔާންވެފައިވާ ގޮތާ ޚިލާފުވާގޮތަކަށް، ޤާނޫނެއް ނެހެދޭނެއެވެ."
މިގޮތުން، ރައްޔިތުންގެ ޚާއްސަ މަޖިލިހުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިސްލާޙުކުރުމަށް ހެދި ޤާނޫނުގައިވާ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އުވާލާ ނުކުތާއަކީ 148 ވަނަ މާއްދާގެ (1)ވަނަ ނަންބަރުގެ ދަށުން ބަލާއިރު ކުރެވޭނެ ކަމެއްނޫނެވެ. އެކަން ކުރުމުގެ ބާރެއް ރައްޔިތުންގެ ޚާއްޞަ މަޖިލިހަކުނެތެވެ. މިގޮތުން، ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން، ރައްޔިތުންގެ ޚާއްޞަމަޖިލިހުން، ޤާނޫނު އަސާސީ އިސްލާޙްކުރުމަށް ފާސްކުރި ޤާނޫނުގައިވާ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އުވާލާ މާއްދާ ވެގެންދާނީ ބާޠިލު ބަޔަކަށެވެ. މިމާއްދާގައި އޮންނަނީ: "ހުށައެޅިފައިވާ، ނުވަތަ ހެދިފައިވާ އެއްވެސް ޤާނޫނެއްގައި މި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތާ ޚިލާފުވާ ގޮތަކަށް ބައެއްވާނަމަ، އެބައެއްވާނީ ބާޠިލު ބަޔަކަށެވެ."
މިގޮތުން، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ގެނެވިފައިވާ އިސްލާޙްތަކުގެ ތެރޭގައިވާ 292 ވަނަ މާއްދާގެ (ށ) ގައިވާ މި ޤާނޫނު އަސާސީއަށް ޢަމަލުކުރަންފަށާ ދުވަހުން ފެށިގެން 1 ޖަނަވަރީ 1998 ގައި ޢަމަލުކުރަން ފަށާފައިވާ " ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ" އުވުނީ ކަމަށްއޮތް ބަޔަކީ ޤާނޫނު އަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން ބާޠިލު އެއްޗެކެވެ. އެއީ، ޤާނޫނީގޮތުން އެއްވެސް ބުރަދަނެއްނެތް އެއްވެސް އަގެއްނެތް ޢިބާރާތެކެވެ.
މިގޮތުން ޚާއްޞަ މަޖިލީހުން މިގެނައި އިސްލާޙްތަކުގެ ތެރޭގައިވާ މަތީގައި ބުނި ނުކުތާއަކީ ޤާނޫނީ ހަމަތަކުން ބަލާއިރު، ބާޠިލު އެއްޗަކަށްވާތީ، 1998 ގެ ޤާނޫނު އަސާސީ އުވުނީ ކަމުގައި ބުނެވޭނެ ތަނެއްނެތެވެ. އަހަރެމެންނަށް 7 އޯގަސްޓް 2008 ގައި ލިބިގެން މިދިޔައީ ހަމައެކަނި ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާޙް ތަކެކެވެ. ހަމަ އެހެންމެ 2008 ގެ އޯގަސްޓް 7 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިތުރު އުސްމިންތަކަށް ދަތުރުކޮށް ދިވެހިރައްޔިތުންގެ ހިތްތަކަށް ހާއުފާކަން ގެނެސްދީފާނެ ދުވަހެކެވެ. ނަމަވެސް ޙަޤީގަތަކީ އެއީއެއް ނޫނެވެ. މިގޮތުން އަހަރެމެންގެ މި ޤާނޫނު އަސާސީ އަބަދުވެސް އިސްލާޙްކުރުންތަކުން، އިތުރު ތަރައްޤީތައް ހޯދަމުންދާނެއެވެ. އެމަރްހަލާ ނައްތާލެވޭނެ ބަޔަކު ނާންނާނެއެވެ.
މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާ ގާނޫނަށް ނަޞްރުދޭނެ ބަޔަކަށް ގައުމު ދަނީ އެދި އާދޭސް ކުރަމުންނެވެ. ގާނޫނު އަސާސީ އުވާލި މީހުންނަށް ހައްޤު އަދަބު ދެވެންޖެހޭނެއެވެ.

