މައުމޫނުގެ ފެންވަރު ރައްޔިތުންނަށް އެނގެއެވެ.

މައުމޫނު- ތަސްމީން ރަނިންމޭޓަކަށް ހަމަޖެއްސިކަން އިއުލާން ކުރަނީ (ފޮޓޯ - )
ޑީއާރުޕީގެ ރަނިންމޭޓަކަށް ހަމަޖެއްސި އަޙްމަދު ތަސްމީނުގެ މައުލޫމާތު މީޑިއާއަށް ހާމަ ކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ތިމަންނަ ކުރާނެ ކަމެއްކަމަށެވެ. ދިވެހި ރައްޔިތުންގެ ވޯޓު ހޯދުމަށް މައުމޫނު ބޭނުން ކުރާނެ ކަމެއްކަމަށް ވިދާޅުވީ އެމަނިކުފާނުގެ ތަޖްރިބާ އާއި އެމަނިކުފާނުގެ ފެންވަރެވެ. ގައުމަށް ތިރީސްއަހަރު ކޮށްދިން ހިދުމަތެވެ. މިހުރިހާ ކަމެއްއިނގޭނެތީ ރައްޔިތުން އެއްވެސް ޖެހިލުމެއްނެތި އެމަނިކުފާނަށް ވޯޓު ދޭނެކަމަށް މައުމޫނު ދެކި ވަޑައިގަންނަވައެވެ.
ހަގީގަތަކީ ކޮބައިތޯއެވެ. ރާއްޖެއަކީ ސަރުކާރަށް ލިބޭ އާމްދަނީ އަށް ބަލާއިރު ބޮލަކަށް ތިންހާހަށް ވުރެ ގިނަ ޑޮލަރު ޖެހޭ ގައުމެކެވެ. އަދި މިއީ މިސަރަހައްދުގައި އޮތް ނިސްބަތުން އެންމެ ގިނަ އާމްދަނީ ލިބޭގައުމެވެ. ނަމަވެސް ނިސްބަތުން ރައްޔިތުން އެންމެ ފަގީރު ގައުމެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔަށް ބެއްޔަސް ދުވާލަކަށް ދެޑޮލަރު ގެ އާމްދަނީއެއް ރައްޔިތުންނަކަށް ނުލިބެއެވެ. ރައީސް މައުމޫނުގެ ތަޖްރިބާއަކީ މުއްސަދިންނާއި ފަޤީރުންގެ ތަފާތު ނުހަނު ބޮޑު ކުރުމެވެ. އެތަޖްރިބާ ރައްޔިތުން ބޭނުންވޭތޯއެވެ.
ވަރަށް ގިނަ ސްކޫލުތަކަކާއި ހެލްތު ސެންޓަރުތަކެއް ފެންވަރެއް ނެތަސް އެކަށީގެންވާ ހިދުމަތެއް ނުދެވުނަސްވަނީ ހަދާފައެވެ. އެދާއިރާތަކުގެ އިސްވެރިންނަށް އެތަންތަން ފެންނަނީ ރާނާފައިވާ ޢިމާރާތްތަކެއްގެ ގޮތުގައެވެ. ދުނިޔޭގެ ފެންވަރުގައި އެތަންތަން ހިންގުމުގެ އެއްވެސް ގާބިލުކަމެއް މައުމޫނަކަށް ގެނެހެއްނުދެވުނެވެ. މި ޢިމާރާތްތަކާ ގުޅިގެން ބޭރުގެ ދަރަނި މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަން ނިމޭއިރު މިވަނީ ހަތްސަތޭކަ މިލިއަން ޑޮލަރަށް ވުރެ މަތިވެފައެވެ. މައުމޫނު ވެރިކަމަށް އައިއިރު ދަރަނީގެ މައްސަލައެއް ރާއްޖެއަށް ކުރިމަތި ވެފައެއް ނުވެއެވެ. މިހާރު ރާއްޖޭގެ ބޭރުގެ ދަރަނީ ޖީޑީޕީގެ އަށްޑިހަ ޕަސަންޓަށްވުރެ މައްޗަށްވަނީ އަރާފައެވެ. ދައުލަތަށް ލިބުނުހާ އާމްދަނީއެއްވަނީ މައުމޫނާއި އޭނާގެ ބައިވެރިންގެ އެކައުންޓުތަކަށެވެ. އާދަން ޒާހިރާއި އަބްދުﷲ ޝާހިދާއި ޝޭހު ރަޝީދާއި ޢުމަރު ޒާހިރު ފަދަ މީސްމީހުންނަށް މައުމޫނު ދުއިސައްތަ އެތައް މިލިއަނެއްގެ ނަގުދު ފައިސާ ގެހެދުމަށް ވަނީ ދީފައެވެ. މިތަޖްރިބާ ދިވެހިން ބޭނުން ވޭތޯއެވެ.
ދިވެހި ރާއްޖޭގައި ކިރިޔާވެސް ފަރުވާއެއް ލިބޭ ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ. އެތަނަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީއެކެވެ. މާލޭގެ ހުރިހާ ޕްރައިމަރީ ސްކޫލުތަކަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީއެވެ. ރައްޔިތުންގެ މަޖިލިސް ހިންގާ އިމާރާތަކީ ޕާކިސްތާނު ސަރުކާރުގެ ހިލޭއެހީއެކެވެ. މާލޭގެ ކަނޑު ތޮއްޓަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީއެކެވެ. ދެން ގައުމަށް ލިބޭހާ ފައިސާ ވަންނަނީ ކޮންތާކަށްތޯއެވެ. ރަނގަޅެވެ. މައުމޫނާއި އޭނާގެ ބައިވެރިންގެ އެކައުންޓު ތަކަށެވެ. މިކަހަލަ ތަޖްރިބާއާއި ފެންވަރަކީ އަހަރެމެން ދިވެހިން ބޭނުންވާ އެއްޗެއްތޯއެވެ.
މައުމޫނު ވެރިކަމަށް އެރި އިރު މަސްތުވާ ތަކެތީގެ ވަބާ ގައުމަކު ނެތެވެ. ނަމަވެސް މައުމޫނުވަނީ މުޅި ޒުވާނުން ފަސާދަކޮށް ގައުމުގެ އާބާދީގެ ބޮޑުބައެއް ހަލާކުވެގެން ދިޔައިރުވެސް ގަދަ ނިންޖަކުން ނިދާފައެވެ. މިފަދަ ތަޖްރިބާއެއް އަހަރެމެން ބޭނުންތޯއެވެ. މައުމޫނާ އެކަހެރިވާށެވެ. ގައުމުގެ ހެވަށްޓަކައެވެ.

