މައުމޫނު މިނިވަން ދުވަހުވެސް ދެއްކީ ހުސް ހޮޅިވާހަކަ

މައުމޫނު- ހުސްއަނގަތަޅަން މިވަރެއްނެތް (ފޮޓޯ - )
މައުމޫނެވެ. އަހަރެންހަމަ ކަލޭގެ ހާލަށް ހަމްދަރުދީވަމެވެ. މިގައުމުގައި ރައްޔިތަކު ދިރިއުޅޭކަމާ އެ ބައިމީހުންގެ އުންމީދުތަކެއް ވާކަމަށް ކަލެއަށް ގަބޫލު ނުކުރެވޭކަމީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ އަނެއްކާވެސް 12،13 އެއް ގެނައުމަށް ކަލޭ ބޭނުންވާކަން ދައްކުވައިދިން ކަމެކެވެ.
މިނިވަން ދުވަސް އައިއިރުވެސް ކަލޭ ދައްކަމުންދިޔަ ވާހަކަތައްފިޔަވާ އިތުރު އެއްވެސް ވާހަކައެއް އެދުވަހުގެ ތަގްރީރަކުން ނުފެނުނެވެ. ގައުމުގެ ޒުވާންޖީލު ގެ އިޙްސާސްތައް ކުޑަކޮށްނަމަވެސް އޮޅުން ފިލާނަމަ މިވަގުތު ގާނޫނު އަސާސީ ތަސްދީޤު ކުރާނެ ދުވަހެއް ކަލޭ މިނިވަންދުވަހު ދެއްކި ވާހަކާގައި ހާމަކުރީހެވެ. ނަމަވެސް ޓީވީ އާއި ރޭޑިޔޯއިން ތިޔަދެއްކި ވާހަކާގައި ތިޔަބެލީ ކަލޭގެ ބޮޑުކަމާޖާހުގެ މަތިވެރިކަން ހާމަކޮށް ދިނުމަށެވެ. ރިޔާސީ ގަނޑުވަރުގައި އޮތުމަށް ކަލެއަށް ޖެހެނީ ކީއްވެކަން ހާމަކޮށް ދިނުމަށެވެ. ގައުމަށް ހެޔޮއެދޭ ފަރާތްތަކުން ބުނަމުން އެދަނީ ގާނޫނު އަސަސީ ތަސްދީޤު ކުރުމަކީ ރަސްމިއްޔާތެއް ކަމަށެވެ. ރަނގަޅެވެ. ގާނޫނު އަސާސީގައި އެކަން ކުރުމަށް ކަނޑައެޅިފައިވާތީ ގާނޫނީ ގޮތުން އެކަމަކީ ކަލޭ އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ.
ރައްޔިތުންގެ ހިތްތައް ނުތަނަވަސް ކުރުމަށްޓަކައި އެންމެ ކުޑަމިނުން ގާނޫނު އަސާސީ ތަސްދީޤު ކުރާނެ ދުވަހެއް ހާމަކުރުމަށް ކަލޭތިޔަވަނީ ފަސްޖެހިފައެވެ. ރައްޔިތުންނަށް ބޭނުންވަނީ ގާނޫނު އަސާސީ އަވަހަށް ތަސްދީޤު ކުރުމެވެ. ގާނޫނު އަސާސީއަށް ފުރަތަމަ ގެންނަން ހުށަހެޅުނު އިސްލާޙަކީ ރައީސްގެ ކިބައިން ތަސްދީޤު ކުރުމުގެ ބާރު ނިގުޅައިގަތުން ކަމުގައި ހެދުނު ނަމަ މިއަދު މި ނުތަނަވަސް ކަމުގައި ގައުމު އޮންނާކަށް ނުޖެހުނީހެވެ.
މައުމޫނެވެ. ގައުމަށް އިހްލާސްތެރި ފަރާތްތަކުން ބުނަމުން އެދަނީ ކަލޭގެ މެޖޯރިޓީ މަޖިލީހުގައި ބާއްވައިގެން ކަލޭގެ އަމިއްލަ ތިރީހަކަށް މެމްބަރުން ފާސްކުރި ގާނޫނު އަސާސީ އަށް ވެސް ކަލެއަށް އިތުބާރު ނުކުރެވޭ ވާހަކަދޯއެވެ. ގާނޫނު އަސާސީ ފާސްކޮސް ނިމުމާއެކު އެއަށް ގެނައުމަށް ކަލެއާއި ކަލޭގެ ބަންޑާރަ ނާއިބު ބޭނުންވި ގިނަ އިސްލާޙްތައްވެސް މަޖިލީހުންވަނީ ގެނެސްދީފައެވެ. ނަމަވެސް މިއަދު ތިޔަނަގާ ބޭކާރު ވަގުތުގެ ސަބަބުން ގައުމަށް މިދަނީ ނުހަނު ބޮޑު ނުތަނަވަސް ކަމެއް ކުރިމަތިވަމުންނެވެ. ގާނޫނު އަސާސީ ތަސްދީޤު ކުރުމަށް ކަލެއަކަށް 90 ދުވަހެއް ނުލިބެއެވެ. އެއީ، ބާގާނޫނު އަސާސީ ބުނާގޮތުން 60 ދުވަހުގެ ކުރިން އާންމު އިންތިހާބަށް އިއުލާނު ކުރަންޖެހެއެވެ. އެއީ ސެޕްޓެމްބަރ މަހެވެ. ކަލޭ ޖުލައި 2ކުން ފެށިގެން ގާނޫނު އަސާސީ ތަސްދީޤު ކުރުމަށް 90 ދުވަސް ގުނާނަމަ އެމުއްދަތު ހަމަވަނީ އޮކްޓޯބަރ މަހަށެވެ. އެހެންވީމާ ކަލޭ އިސްލާހޭ ކިޔައިގެން ވާހަކަ ދައްކާކަށް ރީއްޗެއްނޫނެވެ. 90 ދުވަސް ގާނޫނު އަސާސީ ތަސްދީޤު ކުރުމަށް އެބައޮތޭ ކިޔައިގެން އަނގަނާރުވާށެވެ.

