6 ޖެނުއަރީ 2009
ފަހުގެ ސުރުޚީތަކުގެ ތެރެއިން:


ވަގުތް ޑޮޓްކޮމްގެ މަޤްޞަދު

10 ފެބްރުއަރީ 2008 - އިބްރާހިމް އާމިރު

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ވިދާޅުވަނީ، ވެރިކަމުގައި ކޮންމެ މީހަކު ހުއްޓަސް ވަރިހަމަކަމަށެވެ. އަދި ގައުމުގައި ކޮންމެފަދަ ވެރިކަމުގެ ނިޒާމެއް އޮތަސް އެންމެ ރަނގަޅުކަމަށެވެ. މިއީ، ރަނގަޅު ވާހަކައެއްބާވައެވެ.

އަދަށްވުރެ ފަހި މާދަމައަކަށް އެދުމަކީ، އިންސާނީ ޠަބީޢަތަކަށް ވާއިރު، މިކަމަށް މަސައްކަތްކުރަންއެބަޖެހެއެވެ. އެބަޔެއްގެ ޙާލަތު ބަދަލުކުރުމަށް އެބަޔަކު މަސައްކަތްކުރަން އެބަޖެހެއެވެ.ފަރުދީގޮތުންނާއި އަދި ޖަމާޢަތުގެ ގުޅުމުންނެވެ. މިގޮތުން ބަލާއިރު، ދައުލަތް ހިންގާނޭ ރަނގަޅު ނިޒާމެއް އޮތުމަކީ، މުހިންމު ކަމެއްކަމަށް ހުރިހާ ސިޔާސީ އަދި ޤާނޫނީ ބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ. އެހެންނޫންނަމަ، ގައުމުގެ ޙާލަތު ރަނގަޅު ނުވާނެއެވެ.

ދައުލަތް ހިންގާނޭ ނިޒާމު ބައިކުރެވިފައި އޮންނަނީ، ތިން މަސްދަރެއްގެ މައްޗަށެވެ. އެއީ، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރާއި އަދި ޝަރުޢީ ނިޒާމެވެ. މި ތިން ބައި އޮޕަރޭޓް ކުރަންޖެހެނީ މުޅީން މިނިވަން މުސްތަޤިއްލު ކޮށެވެ. އަދި އެހެންމެ ގުޅިގެން ފުށުނާރާފަދަ ގޮތަކަށެވެ. ކަންމިހެން ހުރިކަމުގައި ވީނަމަވެސް، މިއަދާއި ހަމައަށްވެސް ދިވެހި ދައުލަތް ހިންގަމުން އައީ، ދައުލަތުގެ ތިންބާރު އެކަކު އޮޕްރޭޓްކުރާ ގޮތަށެވެ. ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އެންމެ އިސްވެރިޔާ ވެވަޑައިގަންނަވަނީ، ޑިކްޓޭޓަރަކެވެ. މި ގައުމުން ތާއަބަދު ފެންނަމުން އައީ މިފަދަ މަންޒަރުތަކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާގައި ދައްކަވާ ވާހަކައިގެ ސަބަބުން، ސަރުކާރާއި ރައްޔިތުންނާއި ޖެހިއްޖެކަމަށް ސަރުކާރުން ވިދާޅުވެ، އެބޭފުޅުން ޖަލަށް ލާފައިއެބަހުއްޓެއެވެ. އެއްވެސް ސުމާރެއްނެތި މަޖިލީހުގެ މެންބަރުން ބަންދުކުރުމަކީ، އާދައެވެ. ޝަރުޢީ ދާއިރާގައި ޤާޒީން މަސައްކަތް ކުރައްވަންޖެހެނީ ވެސް ސަރުކާރުގެ އެންމެ އިސްވެރިޔާގެ ރުހުމަށް އެދިތިބެގެންނެވެ. އެހެންނޫންނަމަ، އޭނާގެ ވަޒީފާ ގެއްލޭނެކަމުގެ ބިރުއޮވެއެވެ. އެންމެން، ޖެހެނީ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހިރިޔާފާތުގެ ދަށުގައި ކުރުނީސްކޮށްލަކޮށްލާ ތިބޭށެވެ. ކޮންމެ ކަމެއް ކޮންމެގޮތަކަށް ވިއަސް، ޚުޝާމަދު ކުރުމާއި ސަނާކިއުމަކީ އަޅުގަނޑުމެންގެ ސަޤާފަތެވެ. ޢަދުލު އިންޞާފުގެއްލި ގައުމުގައި އިޖްތިމާޢީ ޢަދާލަތުނެތި ގޮސް، ގައުމުގެ ޒުވާން ޖީލު ޑްރަގްގެ ވަބާގައިޖެހި، މުޅި ގައުމު ކޮރަޕްޝަންގެ މަރުކަޒަކަަށްވީ އިރުވެސް، މިކަންކަން ރަނގަޅު ކުރުމަކީ، އަޅުގަނޑުމެންގެ ޒިއްމާއެއް ކަމަކަށް ޤަބޫލުނުކުރެވުނެވެ. ނުވަތަ އިންސާނީ ހުރިހާ ޙައްޤުތަކުން މަޙްރޫމުވީ އިރު ވެސް، މަހާރަދުންނަށް ސަނާތަޢްރީފް ކިއުމަކީ އުފަލެއްކަމުގައި ބެލެވުނެވެ. މިގޮތުން ތިމާގެ މަގާމުގެ ޕްރޮމޯޝަން ލިބި، ޢިނާޔަތެއް ލިބިއްޖެނަމަ، ތިމާއަށް ފުދުނީކަމަށް ގިނަމީހުން ޤަބޫލުކުރިއެވެ. މިފަދަ ނާޒުކު ހިސާބަކަށް ގައުމުގެ ޙާލަތު ގޮސްފައިވަނިކޮށް، ގައުމީކަމަރު ބަދެގެން މަދު ދިވެހިދަރިން ކޮޅެއް ، ދިވެހި ރާއްޖޭގެ ޙާލަތު ބަދަލްކުރުމަށްޓަކައި ނިކުތެވެ. އެ ބޭފުޅުންނަށް އައްސަރިބަހާއި ސާބަހެވެ. އެބޭފުޅުންގެ ވަރުގަދަ ގައުމީ ޖިހާދުގެ ފޮނި މޭވާތައް ބިންނަން މިފަށަނީއެވެ. އާދެ، މިޒަމާނުގެ ޑިމޮކްރެސީއަކަށް މަގުފަހިވާފަދަ ޤާނޫނު އަސާސީއެއް ހަދާ އެނިމެނީއެވެ. އަދި މިހިނގާ 2008 ވަނަ އަހަރު މި ޤާނޫނު އަސާސީގެ ދަށުން އެންމެފުރަތަމަ ފަހަރަށް ޙަޤީޤީ މާނާގައި ގިނަ ކެންޑިޑޭޓުން ކުރިމަތިލާ، ރިއާސީ އިންތިޚާބެއް މި ބޭއްވެނީއެވެ. އަޅުގަނޑުމެންގެ މި ވެބްސައިޓު ފަރުމާކުރެވި، ދިވެހި މުޖްތަމަޢަށް ހުޅުވާލެވޭ ވަގުގަކީ، މިދެންނެވި ތާރީޚީ މުނާސަބަތާއި ދިމާވާ ދުވަސްވަރެވެ. ވީމާ، ވަގުތު ޑޮޓް ކޮމްއަކީ، ރަނގަޅު ވަގުތެއްގައި ފެށޭ ރަނގާޅު ވަގުތު.ޑޮޓްކޮމްއަކަށް ވާނެކަމަށް އުއްމީދުކުރަމެވެ. އަޅުގަނޑުމެންގެ މި ވެބްސައިޓްގެ މަޤްޞަދަކީ، ވަކިފަރާތަކަށް ނުޖެހިތިބެ، ޚަބަރު ފަތުރާ އެއް ވަޞީލަތަކަށް އަޅުގަނޑުމެންވުމެވެ. އަދި ގައުމު އަލުން އާރާސްތުކުރުމުގައި ބައިވެރިވުމެވެ. ޤާނޫނީ އަދި ސިޔާސީ މި ބޮޑު އިންޤިލާބުގައި ބައިވެރިވުމެވެ. އަދި ގިނަ ދިވެހިން ގައުމީ މި މަސައްކަތުގައި ނިކުމެ، ގައުމު ބިނާކުރުމުގައި ބައިވެރިވުމަކީ، އަޅުގަނޑުމެންގެ އެދުމެވެ. ގައުމު ބިނާކުރުމުގައި ބޭނުންވަނީ، މާޒީގެ ނަފުރަތާއި ރުޅިވެރިކަން ދުރަށްލާ، އިޚްލާޞްތެރިކަމާއި އެކުވެރިކަން އިސްކުރުމެވެ. އާދެ، އަޅުގަނޑުމެންނާއި އަންނަން އޮތް ޖީލުތަކުގެ ހެވާއި ލާބަޔަށްޓަކައެވެ.
]]>